Thursday, January 27, 2011

ދިވެހިރާއްޖޭގެ ޚަބަރު




ޑިމޮކްރަސީ ނުދަންނަ ބަޔަކަށް އިއްތިޚާބެއްގައި ވޯޓުލާން ހެޔޮނުވާނެ: ރޮޒައިނާ 28 ޖެނުއަރީ، 2011

ޑިމޮކްރަސީ ނުދަންނަ ބަޔަކަށް އިންތިޚާބެއްގައި ވޯޓުލާން ހެޔޮނުވާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ ޑިމޮކްރަސީއެއްގެ އެންމެ ފުރަތަމަ އަސާސަކީ މިނިވަންކަމާއިއެކު ކެމްޕޭނު ކުރެވުމާއި މިނިވަންކަމާއިއެކު ވޯޓުލައި ވޯޓު ގުނުމުގެ ކަންތައްތައް ފުރިހަމަ ކުރެވުން ކަމަށެވެ. އަދި ހަމަ މިމޭރުމުން ސަރުކާރު ހިންގާ ޕާޓީން ވާހަކަ ދައްކާ ކަމަށާ ނަމަވެސް ވާހަކަތައް އެގޮތަށް ދެއްކުމަށްފަހު ސަރުކާރު ހިންގާ ޕާޓީން އަމަލުކުރަމުންގެންދަނީ ދައްކާ ވާހަކަތަކާ މުޅިން ދެކޮޅަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ މާލޭ ދެކުނު ދާއިރާއަށް ކުރިމަތިލާފައިވާ ޑީއާރުޕީގެ ކެންޑިޑޭޓު މުޙައްމަދު ނިމާލްގެ ކެމްޕޭނު ޖަގަހައަށް މިހާރުވެސް ދެފަހަރު ހަމަލާދީ އެތަނުގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ސަރުކާރު ހިންގާ ޕާޓީން ހިންގުވުމުން ރައްޔިތުންގެ ހިތްތަގައި ބިރުވެރިކަން އުފެދި ބޮޑެތި މައްސަލަތައް އުފެދުމަށް މަގުފަހިވާނެ ކަމަށެވެ.
އެމްޑީޕީއަށް އެމްޑީޕީގެ ކެންޑިޑޭޓު އެދާއިރާއިން ނުހޮވޭނެކަން އެނގުނު ނަމަވެސް މިގޮތަށް ތަންތަނަށް ހަމަލާދީ ގެއްލުންދިނުމަކީ ތަންކޮޅެއް ބޮޑުވަރެއް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ނިމާލް ވިދާޅުވީ އެންމެ ފުރަތަމަ އޭނާގެ ޖަގަހައަށް ހަމަލާ ދިނީ މީގެ ހަތަރު ފަސް ރެއެއް ކުރިން ކަމަށެވެ. އެރޭ އެތަނުގެ ދެ ގަނޑު ބިއްލޫރި ތަޅާލި ކަމަށެވެ. އަދި ރޭގެ ކުރީ ރޭ ފަތިހު 4 ޖަހާ އެހާއިރު ސައިކަލެއްގައި ދަމުން ޕޭމަންޓް ގަލަކުން ޖަހައި އެއްގަނޑު ބިއްލޫރި ތަޅާލާފައިވާ ކަމަށެވެ.
މިބާވަތުގެ ކަންކަން ވާދަވެރިން ކުރުވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށާ، އަދި އެމީހުން އެފަދަ ކަމެއް ކުރިނަމަވެސް ރައްދުގައި އެފަދަ އެއްވެސް ކަމެއް ކުރައްވަން ބޭނުން ނޫން ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ އޭނާގެ ސަޕޯޓަރުންވެސް ރުޅިގަދަވެ ލޭ ކެކޭ ކަމަށެވެ. ނަމަވެސް އިންތިޚާބީ ވާދަވެރިކަމެއްގައި ހަމަނުޖެހުން ހިންގައި ތަންތަނަށް ގެއްލުންދީ ގަޔަށް އަތްލައި ހެދުމަކީ އޭނާ ޤަބޫލުކުރައްވާ ކަމެއް ނޫންކަމަށްވާތީ އޭނާގެ ސަޕޯޓަރުންނަށް ނަޞޭޙަތްތެރިވެލައްވަމުން ގެންދަވާ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ ގިނަ ބައަކީ އަވަށްޓެރި ރަޙްމަތްތެރިން ކަމަށެވެ. އިންތިކާބުގެ ވާދަވެރިކަން ނިމުމުން އެކީގައި އުޅެންތިބި މީހުންކަމަށެވެ. އެހެންކަމަށްވާއިރު އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ހިންގައި އެކަމަކީ ދާއިމީ ފިތުނަވެރިކަމެއްގެ ގޮތުގައި ބާއްވަން ބޭނުން ނޫން ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.



އެއްވެސް ރައްޔިތެއްގެ ނުރުހުމުގައި އެހެން ރަށަކަށް ބަދަލުކުރެއްވުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް 28   ޖެނުއަރީ، 2011

އެއްވެސް ރަށެއްގެ ރައްޔިތަކު، އެ ރައްޔިތެއްގެ ނުރުހުމުގައި އެހެން ރަށަކަށް ބަދަލުކުރެއްވުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާއަށް އެމަނިކުފާނު އިއްޔެ ހެނދުނު ކުރެއްވި ދަތުރުފުޅުގައި، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ނޫމަރާ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ރައްޔިތުން، ކުރީ ސަރުކާރުން ބޮޑެތި ރަށްރަށަށް ބަދަލުކުރައްވާފައިވުމާއެކު، އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވުމާއެކު، މި ސަރުކާރުގެ ސިޔާސަތުތައް ބިނާވެފައި އޮތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)ގެ މެނިފެސްޓޯގެ ބާރުއަޅަނީ މި ރާއްޖޭގެ ޖަޒީރާކަން ކަނޑާ ނުލުމަށްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގަދަބާރުން މީހުން އެއްރަށުން އަނެއްރަށަށް ބަދަލުކުރުމާއި، އެމީހުން އެހެން ރަށަކަށް ގެންދިޔުމަށް ބާރުއެޅުމާއި، ސަރުކާރުން އެ ރަށްރަށަށް ދެއްވާ ޚިދުމަތްތައް ދެއްވުން ހުއްޓަވާލެއްވުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމުގައި ރައީސް  ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ނޫމަރާގެ ތަރައްޤީގެ ތަޞައްވުރެއްވެސް އެބައޮތް ކަމާއި، މިއަހަރުގެ ތެރޭގައި ނޫމަރާގެ ބަނދަރު ހަދަން ފެށޭނެކަން ހާމަކުރެއްވިއެވެ. ، އެރަށު އިންޖީނުގެއާއި ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެ ދެތަން ރައީސް ބައްލަވާލެއްވިއެވެ.
ނޫމަރައަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު ބިލެތްފައްސަށެވެ. ބިލެތްފަހީ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އަމާޒަކީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން 60 ޕަސެންޓް ދަރިވަރުންނަކީ، ފަސް މާއްދާއިން ފާސްވާ ދަރިވަރުން ކަމުގައި ހެއްދެވުން ކަމުގައި ވިދާޅުވިއެވެ. އަދި  ބިލެތްފަހީ ސްކޫލުގެ ނަތީޖާ، މިދިޔަ އަހަރަށްވުރެ މިއަހަރު ރަނގަޅުވުމަކީ، އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކިޔަވާ ކުދިންނާ އަޅާ ނުލެވޭނަމަ މި ޤައުމުގެ މުސްތަޤްބަލުގެ ތަރައްޤީ ނުހޯދޭނެ ކަމަށާއި، ސަރުކާރުން އެކުދިންނާ އަޅާލައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ސަބަބުން، ދަރިންގެ ކިޔެވުމާއި އެކުދިންގެ މުސްތަޤްބަލު ނަގާނުލުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ނަޝީދު ބިލެތްފައްސަށް މި ކުރެއްވި ދަތުރުފުޅުގައި، ބިލެތްފަހީ ސްކޫލަށް ޒިޔާރަތް ކުރައްވައި ޓީޗަރުންނާ ބައްދަލުކުރައްވައި، ސްކޫލުގެ ކިޔަވައި ދިނުމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް ބާރު އެޅުއްވިއެވެ. އަދި އޯ ލެވެލްގެ ނަތީޖާވެސް ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ނޫމަރާއާއި ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އެ ދެރަށަށް ލިބެމުންދާ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.



ޢަރަބިއްޔާ ސްކޫލްގެ ބިންގާ އަޅައިފި 28 ޖެނުއަރީ، 2011

ބާވެ ވީރާނާވެގެން 2010 ވަނަ އަހަރުގެ ކުރީކޮޅު ފާރުތައް ވެށްޓުނު ކުރީގެ ޢަރަބިއްޔާ ސްކޫލްގެ ބަދަލުގައި ސަރުކާރުން އަލަށް ޢިމާރާތްކުރާ ޢަރަބިއްޔާ ސްކޫލްގެ ބިންގާ އިއްޔެ އަޅައިފިއެވެ.
މއ. ޗާންދަނީގޭ ގޯތީގައި ޢަރަބިއްޔާ ސްކޫލްގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޝިފާ މުޙައްމަދު ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ ބިންގާ އެޅިގެންދާ މި މުނާސަބަތަކީ ވަރަށް ތާރީޚީ މުނާސަބަތެއް ކަމަށާއި މިއީ  އެމަދަރުސާގެ ތާރީޚުގައިވެސް ވަކި ޢިމާރާތެއްގެ ބިންގާ، ޢަރަބިއްޔާގެ ހިޔާވަހިކަމުގެ ދަށުގައި އުނގެނެމުންދާ ދަރިވަރުންނަށް އެޅިގެންދާ މުހިންމު މުނާސަބާ ކަމަށެވެ.
ޝިފާ ވިދާޅުވީ އިރާދަކުރެއްވިއްޔާ އަންނަމަހުގެ ތެރޭގައި ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ މަސައްކަތް ޓެންޑަރަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި މަދުރަސަތުލް ޢަރަބިއްޔާއަކީ އެމަދުރަސާއަށް ޢިމާރާތެއްގެ ބޭނުން ވަރަށްބޮޑުވެފައިވާ މަދުރަސާއެއް ކަމަށާ މަދުރަސަތުލްޢަރަބިއްޔާ  ވަރަށް ފަހަކާ ޖެހެންދެން ހިނގަމުން އައިސްފައިވަނީ. ގިނަދުވަސްތަކެއް ވެފައިވާ ޢިމާރާތެއްގައި ކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މިޒަމާނަށް ފެތޭގޮތަށް ޑިޒައިންކުރެވިފައިވާ އާ ޢިމާރާތެއް އެމަދަރުސާއަށް ނުހަނު މަތީދަރަޖައަކަށް ބޭނުންވެފައިވާ ކަމަށާއި މިއަދަކީ އިރާދަކުރެއްވިއްޔާ ޢަރަބިއްޔާއަށް ދިމާވެފައިވާ އިމާރާތުގެ މައްސަލަ ޙައްލުވެގެން ދިޔުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާ ދުވަސް ކަމަށެވެ. “ތިޔަލޮބުވެތި ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންގެ ފޮނި އުންމީދުތަކުގައި ހަގީގީކުލަޖެހެން ފެށޭދުވަސް. އެހެންކަމުން އަޅުގަނޑު އުންމީދުކުރަނީ ވަރަށް ހަލުވި މިނެއްގައި މިއިމާރާތުގެ މަސައްކަތް ކޮށްނިމި އިމާރާތުގެ ބޭނުން ލަސްނުވެކުރެވޭތަން ފެނިގެން ދިޔުން.” ޝިފާ ވިދާޅުވިއެވެ.
މިއަދު ފެށިގެންމިދާ 7 ބުރީގެ އިމާރާތުގައި 28 ކްލާސްރޫމް ހުންނާނެ. މިސްކޫލަށް ބޭނުންވާނެ ސައިންސް ލެބޯޓްރީ އާއި ކޮމްޕިއުޓަރ ލެބާއި ލައިބްރަރީއާއި ނަމާދުކުރާތަނަކާއި އަދި 400 މީހުންގެ ޖާގައިގެ ހޯލަކާއި އިތުރަށްހިންގޭ އެހެނިހެން ހަރަކާތްތަކަށް ބޭނުންވާޖާގަ އެކަށީގެންވާގޮތެއްގައި މިއިމާރާތުން ލިބެންހުންނާނެ. މިއިމާރާތުގެ މަސައްކަތް ނިމި، ދަރިވަރުން އިމާރާތުގެ ބޭނުން ހިފަން ފެށުމުން މިހާރު ސްކޫލަށް ދިމާވެފައިވާ  މައްސަލަޔާއި އެހެނިހެންތަފާތު ގިނަގުނަ މައްސަލަތަކެއް ހައްލުވެގެންދާނެ” ކަމުގައި ވެސް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ކިޔެވުން ކުރިން ހިނގަމުން އައި  އިމާރާތްތައް ބާވެ އެގޮތުގައި ގިނަދުވަސްތަކެއް ވެއަތުވެދިޔައިރުވެސް އައު އިމާރާތެއް ޢަރަބިއްޔާއަށް ލިބިފައި ނެތްކަމީ މިސަރުކާރުން އެކަމާ ވަރަށްބޮޑަށް ކަންބޮޑުވި މައްސަލައެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް ސްކޫލް ހިނގަމުން ދިޔަ ބައެއްތަންތަނަކީ  ދަރިވަރުންނަށް ޖިސްމާނީ ރައްކާތެރިކަމެއްނެތް މާހަވްލަކަށް ވެފައިވުމުން އެކުދިންގެ ކިޔެވުން މެދުކަނޑާނުލައި ކުރިޔަށް ގެންދިޔުމަށް ދިމާވި ގޮންޖެހުންތަކަކީވެސް އަޅުގަނޑުމެން ވަރަށް ކަންބޮޑުވި ކަންތައްތަކެއް ކަމަށެވެ.
ޢަރަބިއްޔާ އަށްކުރިމަތިވި މިމައްސަލަތައް ބޮޑުވެ ކަންބޮޑުވުންއުފެދެންޖެހުނު އެއްސަބަބަކީ އަޅުގަނޑު ދެކޭގޮތުގައި މިއަދު ދިވެހިރާއްޖޭގެ މާހައުލުން އަޅުގަނޑުމެންނަށް އެއްވެސްކަމެއްގައި އެއްކިބާނުވެވޭ ސިޔާސީވާދަވެރިކަން. ސަރުކާރުން ކަންކަން ކުރަމުންދަނީ ވިސްނުންތެރިކަމާއެކު. ތަކުރާރުކޮށް ސިޔާސީ އެކިއެކި ޕާޓީތަކުން ކުރީގެ ތަޢުލީމީ ވަޒީރަށް، އަދި ޖުމުލަގޮތެއްގައި ސަރުކާރަށް ގޮންޖައްސަވާ، ޙަޤީޤަތެއް ނެތް އެތައް އެތައް އިލްޒާމުތަކެއް އަޅުވަމުން ދިޔައިރުވެސް އަޅުގަނޑުމެން ދެންނެވީމު، މިރާއްޖޭގައި ބަޔަކު ޢަރަބިއްޔާ ސްކޫލަށް ޢިމާރާތެއް އަޅާނަމަ އެޅޭނީވެސް ހަމަ މިސަރުކާރަށޭ.”
އަދުގެ ސަރުކާރުގެ މެނިފެސްޓޯގައިވެސް ވަރަށް ސާފުކޮށް ” އިސްލާމް ދީނުގެ ޢަޤީދާ ވަރުގަދަކުރުމަށްޓަކައި ޕްރައިމަރީ ސްކޫލުން ފެށިގެން ސްކޫލް ދައުރު ނިމެންދެން ތަހުޒިބާ ތަރައްޤިގެ މަގުން ދީނީ ކަންކަމަށް ރައްކާތެރިވުމުގެ މުހިއްމުކަމުގެ މައްޗަށް އުނގަންނައި އިސްލާމީ ތަރުބިއްޔަތުގެ މައްޗަށް ކިޔަވައިދީ އެހެންމީހުންގެ ޚިޔާލާއި ޙައްޤުތަކަށް ރައްކާތެރިވުމަށް ބާރުއަޅާނަން ” ކަން ހިމަނާފައި އޮންނާނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
މިރާއްޖޭގެ ހުރިހާ މަދަރުސާއަކުންވެސް ދަރިވަރުން ދީނީކަންކަންކަމަށް ހޭލުންތެރިކުރުމަށް، ސްކޫލްތަކުގެ އިސްވެރިންނާއި ޓީޗަރުން އަބަދުވެސް ސަމާލުކަން ދެއްވާނެ ކަމަށާ އިސްލާމުންގެ ނަމުގައިތިބެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކުރުމީ ދެރަކަމެއް ކަމަށް ޝިފާ ވިދާޅުވިއެވެ. “އެއްބަޔަކު އަނެއް ބަޔެއްގެ އުނިސިފަތަކުގެ ވާހަކަދައްކާ. މީ ވަރަށް ދެރަކަމެއް. މިފަދަކަންކަން ހަރުއަޑުން ކުށްވެރިކުރަން. އަދި ޤައުމުގެ މިޖީލު ހިމާޔަތްކުރުމަށް މިފަދަ ޢަމަލުތައް ހުއްޓަވާލެއްވުމަށާއި ދީނުގެ ނަމުގައި ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރެއްވުމަށް މަސައްކަތް ނުކުރެއްވުމަށް އިލްތިމާސްކުރަން.”
މަދުރަސަތުލް އަރަބިއްޔާއާ ގުޅުވައިގެން ތަފާތު އެތައްވާހަކައެއް އެތައްގޮތަކަށް ދެކެވެމުން ދިޔަނަމަވެސް  މަދުރަސާގެ ގިނަބެލެނިވެރިން މިކަމުގައި ގެންގުޅުއްވި ހެޔޮވިސްނުންފުޅާއި ދެއްވި އެއްބާރުލެއްވުމަށް ޝިފާ ޝުކުރު އަދާކުރެއްވިއެވެ.
ޝިފާ ވިދާޅުވީ މިވަގުތު މިޕްރޮޖެކްޓްގެ މަސައްކަތް ހިންގަވަނީ، އޮފީސް ފޮރ ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް އިން ކަމަށާ ބިމުގެ ކުރެހުމާއި ރިކުއަޔަރމެންޓް އެބޭފުޅުންނާ ހަވާލުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކޫލްގެ ކުރެހުން ނިންމަވާދެއްވައި، ކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވިކަމަށެވެ.


ޕީއޭ ކެންޑިޑޭޓުންނަށް ޒަޢީމް މައުމޫނު ކެމްޕޭނުކުރެއްވުމުން މުލަކު ދާއިރާގެ ޑިއާރުޕީ މެންބަރުން ރުޅިގަދަވެއްޖެ 27 ޖެނުއަރީ، 2011

ލޯކަލް ކައުންސިލަށް ކުރިމަތިލާފައިވާ ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ޑީއާރުޕީގެ ޒަޢީމް މައުމޫނު ޢަބްދުލްޤައްޔޫމް މުލަކަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޕީއޭގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވާދެއްވަން ކެމްޕޭނުކުރެއްވުމުން ދާއިރާގެ ޑީއާރުޕީ މެންބަރުންނަށް ޒަޢީމް މައުމޫނުގެ ހަޤީޤަތް އޮޅި ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ ކަމަށް ބުނެފިއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ސަޕޯޓަރުންގެ އިސް އެތައް ބައަކު ބުނެފައިވަނީ މުލަކުގައި ބޭއްވި ޖަލްސާގައި ދަމާފައި ހުރި ފޮތިގަޑުގައި ލިޔެފައިވަނީ ޑީއާރުޕީގެ މުލަކު ދާއިރާގެ ކެންޑިޑޭޓުން ތަޢާރަފްކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.
ނަމަވެސް ޒަޢީމް މައުމޫނުގެ ވާހަކަފުޅުގައި ވިދާޅުވީ “ޕީއޭ އަކީވެސް ޑީއާރުޕީ އާއި ވަރާށް ގާތުން މަސައްކަތްކުރާ ޕާޓީއަކަށްވާތީ ޕީއޭގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަކީވެސް އެންމެ ރަނގަޅުކަމެއް” ކަމަށެވެ.
ޒަޢީމް މައުމޫނުގެ ވަފުދުގައި ހިމެނިވަޑައިގެންނެވި އަނީސާ އަހްމަދު ވެސް މިމޭރުމުން ވާހަކަ ދައްކަވަމުން “ޑީއާރުޕީ އާއި އެއް ފިކުރުގެ މީހުންނަށް ވޯޓު ދިނުމަކީ އެންމެ ރަނގަޅުކަމެއް” ކަމަށް ވިދާޅުވިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަންކަން ޙޫނުވާނެކަން ނިހާނަށް އެނގިވަޑައިގެން ޒަޢީމު ދެއްކެވި ވާހަކަ އިޞްލާޙުކުރައްވަން ނިހާނު މަސައްކަތްކުރެއްވި. ނިހާނު ވިދާޅުވީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވޯޓުލާން ޖެހޭނީ ޑީއާރުޕީގެ ކެންޑިޑޭޓުން ނެތް ދާއިރާތަކުގައި ކަމަށް. ނަމަވެސް ޒައީމް މައުމޫނު ޕީއޭއަށް ވޯޓުލުން އެންމެ ރަނގަޅުކަމަށް އެންޑޯޒް ކޮށްދެއްވުމުން ނިހާނު ދެއްކެވި ވާހަކަ ރައްޔިތުން ބަލައިގަންނާނެ މިންވަރެއް ނޭނގޭ” ޑީއާރުޕީގެ ސަޕޯޓަރުން ބުނެފައިވެއެވެ.

ޑީއާރުޕީގެ ސަޕޯޓަރުން ބުނެފައިވަނީ މުލަކަތޮޅު ކައުންސިލަށް ޑީއާރުޕީގެ ރަސްމީ ކެންޑިޑޭޓުންގެ ގޮތުގައި 3 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު އެކެންޑިޑޭޓުންނާ ވާދަކުރަނީ ޕީއޭގެ އަހްމަދު ސުލޭމާނު ކަމަށެވެ. އެހެންކަމުން ކެމްޕޭނުކުރުމުގެ ވާދަވެރިކަން މިހާބޮޑުވެފައިވާ ވަގުތެއްގައި ޒަޢީމް މައުމޫނު، ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ނަމުގައި ޕީއޭއަށް ކެމްޕޭނުކޮށްދެއްވުމުން ޒަޢީމްގެ ކިބައިގައި ޑީއާރުޕީކަން މިހާރު ހުރި މިންވަރާއި އަދި ޒަޢީމްގެ ކިބައިގައި ޑީއާރުޕީގެ ސިފަ މިހާރު ހުރި ގޮތަކާއިމެދު ޝައްކުއުފެދިއްޖެ ކަމަށްވެސް އެދާއިރާގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ޑީއާރުޕީން ބުނެފައިވަނީ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ އެއްވެސް ކަމެއް ޕީއޭ އާއިއެކު ކުރިއަށް ގެންދިއުމަށް އެއްވެސް އެއްބަސްވުމެއް ވެވިފައި ނުވާނެ ކަމަށެވެ. އަދި ޕީއޭގެ ކެންޑިޑޭޓަކަށް ތާއީދު ހޯދަން ޑީއާރުޕީން އެއްވެސް މަސައްކަތެއް ކުރަންޖެހޭނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.
އަދި ޑީއާރުޕީގެ ކެންޑިޑޭޓުން ހަމައަށް ކުރިމަތިލާފައިވާ ދާއިރާއަކަށް ޒަޢީމް މައުމޫނު ވަޑައިގެން އެހެން ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދަވައިދެއްވަން މަސައްކަތް ކުރެއްވުމަކީ އެދާއިރާއަށް ކުރިމަތިލައިގެން ތިބި ޑީއާރުޕީގެ ކެންޑިޑޭޓުންގެ މަސައްކަޔތްތަކަށް ހުރަސް އެޅޭނެ އަދި ލިބެން އޮތް ތާއީދަށް އުނިކަން އަންނާނެ ކަމެއް ކަމަށްވެސް ޑީއާރުޕީން ވަނީ ބުނެފައެވެ 

.


މިއަދު ރާއްޖެއަށް އައިސްފައިވާ ތަރައްޤީ ގައި މިއޮތީ މަލަންއަޅަންޖެހިފައި- ޝާހިދު 27 ޖެނުއަރީ، 2011

މިއަދު ރާއްޖެއަށް އައިސްފައިވާ ތަރައްޤީ އަށް މިއޮތީ މަލަންއަޅަންޖެހިފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ކައުންސިލް މެންބަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޑީއާރުޕީގެ ލީޑަރޝިޕުން ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ތ.ހިރލަންދޫގައި ބޭއްވި ޑީއާރުޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޑީއާރުޕީގެ ކައުންސިލް މެންބަރ އަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަމުންދާ ތަރައްޤީ އާއި ކުރިއެރުމުގައި މިއަދު މިވަނީ މަލަންއަޅަންޖެހިފައިކަމަށެވެ. އަދި “ދިވެހިރައްޔިތުން މިއަދު މިނިކުންނަންޖެހެނީ މަލަން ރޯލު ހިފައިގެން،” ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީއަށް ބޭނުންވަނީ އިޚްލާސްތެރިކަމާއި އެކު މަސައްކަތްކުރުން. އިޚްލާސްތެރިކަމަކީ ތަދު އެއްޗެއް މިހާރު. އެހެންކަމުން އިޚްލާސްތެރިކަމަކީ ވަރަށް އަގު ބޮޑު އެއްޗެއް،” ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަމަކީ އަނިޔާވެރި ވެރިކަމެއްކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރު ބަދަލުކުރުމަށް އިޚްލާސްތެރިކަމާއި އެކު ޑީއާރުޕީން މަސައްކަތްކުރައްވާނެ ކަމަށެވެ.
“2013 ގައި މިއަނިވާވެރި ވެރިކަން ބަދަލުކުރުމަށް އިޚްލާސްތެރިކަމާއި އެކު އަޅުގަނޑުމެން މަސައްކަތްކުރާނަން. ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީނުގެ އަރިހުގައި ޑީއާރުޕީގެ ކައުންސިލް މެންބަރުންނާއި، ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނާއި އަދި ޑީއާރުޕީގެ މެންބަރުން މިތިބީ ވަރަށް ސާބިތުކަމާއި އެކު،” ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޑީއާރުޕީގެ ކައުންސިލް މެންބަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.





ދިއްދޫ ދަރިވަރުންގެ 73 އިންސައްތަ 5 މާއްދާއިން ފާސްވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ 27 ޖެނުއަރީ، 2011

ތިލަދުންމަތި އުތުރުބުރި ދިއްދޫ ސްކޫލުގެ ދަރިވަރުންގެ ތެރެއިން 2010 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 73 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ރައީސް ޒިޔާރަތް ކުރައްވައި އެ ސްކޫލުގެ ޓީޗަރުންނާ ބައްދަލުކރައްވައި އެ ސްކޫލުން 2010 ވަނަ އަހަރު އޯ ލެވެލް އިމްތިހާން ހެދި ކުދިންގެ 73 ޕަރސެންޓް ކުދިން ފަސް މާއްދާއިން ފާސްވެފައިވާތީ އެކަމާ އުފާފުޅު ކުރައްވާ މަރުހަބާ ވިދާޅުވާ ކަމުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު އިއްޔެ ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިކަން ހާމަކުރައްވައި ވިދާޅުވީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒަކީ، ރާއްޖޭގައި އޯ ލެވެލް ހަދާ ކުދިންގެ ތެރެއިން 60 ޕަރސެންޓް ކުދިންނަކީ 5 މާއްދާއިން ފާސްވާ ކުދިން ކަމުގައި ހެއްދެވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެއް ސްކޫލް ކަމަށެވެ.
ރައީސް، އިއްއޔެ ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި،  ވިދާޅުވީ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ހެޔޮ ނަތީޖާ، މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިޙާނުން ފެނިގެން ހިނގައްޖެ ކަމަށެވެ.
މިގޮތުން، ހޯރަފުށީ ސްކޫލުން އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވީ މިންވަރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 17 ޕަސެންޓުން މައްޗަށްގޮސް، ހޯރަފުށީން މި އިމްތިޙާނުގައި ބައިވެރިވި ކުދިންގެ 58 ޕަރސެންޓު ކުދިން ފަސް މާއްދާއިން ފާސްވެފައިވާކަން ރައީސް ފާހަގަކުރައްވައި، ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވިއެވެ.
އަދި ހޯރަފުށީ ދަރިވަރުންގެ ބެލެނިވެރިންނަށާއި، ޓީޗަރުންނަށާއި، ސްކޫލްގެ އިސްވެރިންނަށާއި، އަދި ޚާއްޞަ ގޮތެއްގައި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠްފީއަށް ރައީސް ޝުކުރުއަދާކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން، ހޯރަފުށީ ސްކޫލަކީ، އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ހެއްދެވުމަށް ބޭނުންވާ 12 ކްލާސްރޫމް މިއަހަރު ހަދާ ނިމޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ކުރީ ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިރާއްޖޭގެ ތަރައްޤީގެ ޙަޤީޤީ ނާރެސްތަކަކީ، މަދަރުސާތައް ކަމަށެވެ. ރާއްޖޭގެ ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ދެއްވައި، ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވައިދެއްވަން ފެށްޓެވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، މަތިއުތުރު ޕްރޮވިންސްގައި މިހާތަނަށް 28 ކްލާސްރޫމް ޢިމާރާތް ކުރެވި، އިތުރު 54 ކްލާސްރޫމެއްގެ މަސައްކަތް ހިނގަމުންދާކަން  ރައީސް ފާހަގަކުރެއްވިއެވެ.
އަދި މިއަހަރުގެ ތެރޭގައި އިތުރު 20 ކްލާސްރޫމް ޢިމާރާތް ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ޙަޤީޤީ ނަތީޖާ ހާމަވަނީ، 2011 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާއިން ކަމަށާއި، 2008 ވަނަ އަހަރާ އަޅާބަލާއިރު 2010 ވަނަ އަހަރު، މުޅި ޕްރޮވިންސްގެ ނަތީޖާ، 7 ޕަސެންޓުން މައްޗަށް ގޮސްފައިވާ ކަމުގައި ރައީރައީސް ވިދާޅުވިއެވެ.




ސަރުކާރުން ވިއަސް ރައްޔިތުންގެ މަންފާއަށްޓަކައި ކުރައްވާ ކޮންމެ ކަމެއްގައި އެއްބާރުލުންދޭނަން- ތަސްމީނު 27 ޖެނުއަރީ، 2011

ސަރުކާރުން ވިއަސް ރައްޔިތުންގެ މަންފާއަށްޓަކައި ކުރައްވާ ކޮންމެ ކަމެއްގައި އެއްބާރުލުން ދެއްވާނެކަމަށް، ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރ އަޙްމަދު ތަސްމީނު ޢަލީ ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެއްވުމަށްޓަކައި ޑީޢާރުޕީން ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުތަކުތެރެއިން އިއްޔެ ކޮޅުމަޑުލު ހިރިލަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ތަސްމީނު ވިދާޅިވެފައިވަނީ، ޑީއާރުޕީ އިން ދިވެހިރާއްޖޭގެ އެއްވެސް ބަޔަކަށް މަންފާއެއް އޮތްކަމެއްނަމަ އެކަމަކަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
އަޅުގަނޑުމެން މިޤައުމުގެ ތަރައްޤީއަކަށް ހުރަހެއް ނާޅާނަން. އެއްވެސް ރައްޔިތަކަށް ފައިދާ ހުރިކަމެއް އޮތްނަމަ އެކަމަކަށް އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. އާދެ، އެއީ ސަރުކާރުން ކުރައްވާ ކަމެއްކަމުގައި ވިނަމަވެސް، އޭގައި ރާއްޖޭގެ އެއްވެސް ރައްޔިތަކަށް މަންފާއެއްވާނަމަ އެކަމަކަށް ޑީއާރްޕީގެ އެއްބާރުލުން ލިބޭނެ،” ޑީއާރުޕީގެ ލީޑަރު ވިދާޅުވިއެވެ.
ތަސްމީނުގެ ވާހަކަފުޅުގައި ރާއްޖޭގެ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ތަސްމީނު ވިދާޅުވެފައިވަނީ މިހާރުގެ ސަރުކާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިޔާސީ ވަގުތީ މަންފާއެއް ހާސިލުކުރުމަށް ކަމަށާއި އަމިއްލަ ޒާތީ މަސްލަހަތު ކުރިއަށް ނެރުއްވައިގެންކަމަށެވެ.
މިއަދުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ޒައްރެއްގެ މިންވަރުވެސް ފުއްދަވާފައިނުވޭ. މިހާރު ދައްކަވާނެ ވާހަކައެއް ނެތުމުން އެހެން ފަރާތްތަކުގެ ބޮލުގައި އެކަމުގެ ޒިންމާ އެއަޅުއްވަނީ،” ޑީއާރްޕީގެ ލީޑަރު ވިދާޅުވިއެވެ.
އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި މި ސަރުކާރު ބަދަލުކުރެވޭ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ހަމައެކަނި ޑީއާރްޕީއިން ކަމުގައި ތަސްމީނު ވިދާޅުވިއެވެ. އަދި ތަނަވަސް އަޣްލަބިއްޔަތަކުން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ޑީއާރުޕީގެ ޒަޢީމް މައުމޫނު ޑީއާރުޕީއަށް ކެމްޕޭނުކޮށްދެއްވަން ޕީއޭގެ ރައީސުންނާއެކު މުލަކަތޮޅަށް ވަޑައިގެންފި 26 ޖެނުއަރީ،2011

މޫސާ ހަލީލް
ޑީއާރުޕީގެ ޒަޢީމް މައުމޫނު އަބްދުލްޤައްޔޫމް ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭނުކޮށްދެއްވުމަށް ޕީއޭގެ ރައީސް އާއި ނާއިބު ރައީސް އާއި އެކު މުލަކަތޮޅަށް ވަޑައިގެންފިއެވެ.
ޑީއާރުޕީގެ އިސް ބޭފުޅަކު ވިދާޅުވީ މުލަކަތޮޅު އަތޮޅު ކައުންސިލަށް ޑީއާރުޕީގެ 3 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު އެ ކެންޑިޑޭޓޫންނާ ވާދަކުރަމުންގެންދަނީ ޕީއޭގެ ކެންޑިޑޭޓް އަހްމަދު ސުލޭމާނު ކަމަށެވެ.
އެހެންކަމުން މުލަކަތޮޅު އަތޮޅު ކައުންސިލަށް ވާދަކުރުމުގައި ޑީއާރުޕީ އާއި ޕީއޭ ރޭސް ޖަހަމުންދަނިކޮށް ޕީއޭގެ ރައީސް އާއި ނާއިބު ރައީސް އާއި އެކު ޑީއާރުޕީގެ ޒަޢީމް މައުމޫނު ޢަބްދުލްޤައްޔޫމް މުލަކަތޮޅަށް ވަޑައިގަތުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަޢީމް މައުމޫނު ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ޕާޓީގެ ޒަޢީމް ކަމަށްވާތީ ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ހޯއްދަވައިދެއްވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އަދި އެމަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ އިޖުތިމާޢީ ޒިންމާއެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޒަޢީމް މައުމޫނު މިހެން ވިދާޅުވިނަމަވެސް އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަގޮތުން ޑީއާރުޕީގެ މެންބަރުން. ޒަޢީމް މައުމޫނު ކެމްޕޭނު ކުރައްވަނީ ކޮންޕާޓީއެއްގެ ކެންޑިޑޭޓުންނަށް ކަމާމެދު ޝައްކުކުރެއެވެ.
މިގޮތުން ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ މާލޭ މެދުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ނާޒިމް އަކީ ކޮން ޕާޓީއެއްގެ މެންބަރަކުކަން އެނގިވޑައިނުގަންނަވާ ކަމަށެވެ. އަދި މަޖިލީހުގައި މެދުހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރެވިފައިވީނަމަވެސް ނާޒިމުގެ ސަބަބުން ކައުންސިލް އިންތިޚާބުގައި ވޯޓު ބައިބައިވެ މެދު ހެންވޭރު ދާއިރާގެ ގޮނޑިއަށް ވެދާނެ ގޮތަކާއިމެދު ކަންބޮޑުވެ ވަޑައިގަންނަވާކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.


މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އިއްޔެ ކުޅުދުއްފުށީގައި ބާއްވައިފި 26 ޖެނުއަރީ، 2011

ރާއްޖޭގެ ތާރީޚުގައި މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އިއްޔެ ކުޅުދުއްފުށީގައި ބާއްވައިފިއެވެ.
ކުޅުދުއްފުށީގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުނީ އެރަށު ބޮޑު މުޙައްމަދު ކަލޭފާނު މާލަމުގައެވެ. ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނަކީ މާލޭގައި ހިންގާ ވެރިކަން ކަސިޔާރުވަމުންދާން ފެށުމުން އެކަންކަން އިޞްލާޙުކުރުމަށް ބާރު އެޅުއްވުމުގެ އިތުރުން ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ މަގު ހޯއްދަވަން މަސައްކަތް ކުރެއްވި ބޭކަލެކެވެ.
އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ވަޒިރުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ މަތިއުތުރު ޕްރޮވިންސްގައި ހިންގެވުމަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން، މިހާރު ފެށްޓެވެން ހުރި މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށްޓެވުމަށް ނިންމަވާފައެވެ.
މިކަން މިގޮތަށް ނިންމެވީ، އިއްޔެ މެންދުރުކުރީގައި ކުޅުދުއްފުށީގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި، މިމަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތާއި އަދި މިމަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކަށް، ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.
ކުޅުދުއްފުށީގައި، އިއްޔެ މެންދުރުފަހު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ދަތިތައް ހުރުމާއެކު، އެ ހުރި ދަތިތަކާބެހޭގޮތުން ޕްރޮވިންސް އޮފީހާއި ކަމާބެހޭ ވުޒާރާ މެދުވެރިކުރައްވައި، މަޝްވަރާ ކުރައްވައިގެން މަޝްރޫޢުތައް ފެށްޓެވޭނެ މަގު ހޯއްދެވުމަށް ނިންމެވިއެވެ.
ސަރުކާރުން މިއަހަރު މަތި އުތުރު ޕްރޮވިންސްގައި ހިންގެވުމަށް ހަމަޖެހިފައިވާ ތަފާތު މަޝްރޫޢުތަކުގެ ތެރޭގައި، ނޭޝަނަލް ޕްލޭނިންގ ކައުންސިލުން ފާސްކުރައްވާފައިވާ މަޝްރޫޢުތަކާއި، ޕީ.އެސް.އައި.ޕީ.ގެ މަޝްރޫޢުތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގަވާ މަޝްރޫޢުތައް ހިމެނެއެވެ. މިދެންނެވި މަޝްރޫޢުތަކުގެ ދަށުން، މަތިއުތުރު ޕްރޮވިންސްގެ ބައެއް ރަށްރަށުގެ ތަޢްލީމީ ޙާލަތު ތަރައްޤީ ކުރެއްވުމާއި، ޞިއްޙީ ޚިދްމަތްތައް ތަރައްޤީ ކުރެއްވުމާއި، ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރެއްވުމާއި، ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ޤާއިމުކުރެއްވުން ހިމެނެއެވެ.
މީގެ އިތުރުން، އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ހައުސިންގ ޑިވެލޮޕްމަންޓް ޕްރޮގްރާމާއި، ތިލަވެފައިވާ ބަނދަރާއި ނެރުފަދަ ތަންތަން ފުން ކުރުމުގެ ޕްރޮގްރާމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުއާއި، ސުނާމީގައި ހަލާކުވި ގެތަކާއި އިންފްރާސްޓްރަކްޗަރ ޤާއިމު ކުރެއްވުމުގެ ޕްރޮގްރާމާއި، އަލަށް މިސްކިތް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގެ މިސްކިތްތައް ޢިމާރާތް ކުރެއްވުމުގެ ޕްރޮގްރާމާއި، ޕްރޮވިންސަށް ފަތުރުވެރިކަން ފުޅާ ކުރެއްވުމަށް ހިންގަވާ ޕްރޮގްރާމް ހިމެނެއެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، ރައީސް ނަޝީދު ވިދާޅުވެފައިވަނީ  މާލެއިން ބޭރުގައި، ކުޅުދުއްފުށީގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވެވުނުކަމީ، ސަރުކާރަށް ވަރަށް އުފާވެރިކަމެއް ލިބޭ ކަމެއް ކަމުގައެވެ.
ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ވެސް ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ކުޅުދުއްފުށީގައި ބޭއްވުނުކަން އެއީ އެމީހުން ވަރަށް އުފާކުރާކަމެއް ކަމަށެވެ. ” މިއަދު އަޅުގަނޑުމެންނަށް ހީކުރެވެނީ ރާއްޖޭގެ ސަރުކާރު މިއަދު މިރަށުގައި ހިންގަނީ ކަމަށް” ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.



ރާއްޖޭގެ ޑިމޮކްރެޓިކް ވެށި އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާ އަކީ ނަމޫނާއަކަށް ބެލިދާނެ- އަބްދުﷲ ޝާހިދު 26ޖެނުއަރީ،2011 
2008 ގައި އެކުލަވާލި އައު ޤާނޫނު އަސާސީގެ ދަށުން ދިވެހިރާއްޖޭގައި އުފެދިފައިވާ ޑިމޮކްރެޓިކް ވެށި އިތުރަށް ހަރުދަނާ ކުރުމަށް އަވަށްޓެރި އިންޑިއާ އަކީ ނަމޫނާއަކަށް ބެލިދާނެކަމަށް ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ 61 ވަނަ ޖުމްހޫރީ ދުވަސް ފާހަނގަކުރެއްވުމަށް އިންޑިއާގެ ހައިކޮމިޝަނުން އިންތިޒާމް ކޮށްގެން ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުނު ހަފްލާގައި ޝަރަފްވެރި މެހްމާނުގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ސިންގުގެ ޒަޢާމަތުގެ ދަށުން އިންޑިއާއިން ފާހަގަކުރައްވާގޮތުގައި، އިޤްތިސާދީ މިނިވަންކަމާއި އަދި މުޖްތަމަޢުގެ އެންމެ ދަށްފަންތީގެ ފަރުދުންގެ ރައްކާތެރިކަމަކީ ޤައުމެއް ކުރިއަރައި ދިޔުމަށް އޮތް އެންމެ ރިވެތި ނަމޫނާ. މިގޮތުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، 2008 ގައި އެކުލަވާލި އައު ޤާނޫނު އަސާސީގެ ދަށުން ދިވެހިރާއްޖޭގައި އުފެދިފައިވާ ޑިމޮކްރެޓިކް ވެށި އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާ އަޅުއްވާފައިވާ ފިޔަވަޅުތަކަށް މި ޤައުމަށް ތަބާވެވިދާނެ،” ރައްޔިތުންގެ މަޖްލީހުގެ ރައީސް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވިގޮތުގައި އިންޑިއާއާއި ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖްލީހާއި ދެމެދު މިހާރު ހިނގަމުންދާ އެއްބަސްވުންތަކާއި އެކި އެކި މަޝްރޫޢުތަކަކީ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ ހައިސިއްޔަތުން އެކަމަށް ފަޚުރުވެރިވާ ކަމެއްކަމުގައެވެ.
ކޮންމެ ވަރުގަދަ، ނުގުޑާފަދަ ގުޅުމެއްގެ ފަހަތުގައި ކޮންމެވެސް އަމާޒެއް އޮންނާނެ. އާދެ، ދިވެހިރާއްޖެއާއި އިންޑިއާ ހިއްސާކުރާ އަމާޒެއް އޮވޭ. އެއަމާޒަކީ ދެޤައުމުގެ ރައްޔިތުންގެ ތަރައްޤީ އަދި ކުރިއެރުން. އެއަމާޒަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގެ މަސްލަހަތާއި، ތަރައްޤީއާއި އަދި ކާމިޔާބާއި ގުޅިފައިވާ އަމާޒެއް. އެއަމާޒަކީ ޑިމޮކްރަސީގެ އުސޫލުތަކުންނާއި، މިނިވަންކަމާއި، އިންސާނީ ޙައްޤުތަކާއި އަދި ޤާނޫނީ ވެރިކަމުން ޖަރީކުރެވިފައިވާ އަމާޒެއް،” ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ތަޢުލީމީދާއިރާއިންނާއި، ސަލާމާތީކަންކަމުގައިއާއި، ވިޔަފާރީގެދާއިރާގައި އާއި އަދި އެހެނިހެން ދާއިރާތަކުގައި ދެއްވާ އެހީތަކަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.



ކަންނެލީގެ މަސްވެރިކަންކުރާ އަޑިއަށްދިޔަ މަސްދޯނީގައި ތިބި 6 ދިވެއްސަކާއި 2 ބިދޭސީ މީހުން ސަލާމަތްކޮށްފި 26 ޖެނުއަރީ، 2011

މ. އަތޮޅު ކޮޅުފުއްޓާ ދިމާ ބޭރުން ދަތުރުކުރި ކަންނެލީގެ މަސްވެރިކަންކުރާ  ދޯންޏެއް އަޑިއަށް ގޮސް އެދޯނީގައި ތިބި މީހުން އޮޔާ ދަނިކޮށް އެސަރަހައްދުން ދިޔަ ދ. މީދޫގެ ދޯންޏަކަށް ފެނިގެން ސަލާމަތްކޮށްފިއެވެ.  އިއްޔެ ހިނގި މިހާދިޘާއާއި ގުޅިގެން ފުލުހުން މައުލޫމާތު ދިފައިވާ ގޮތުގައި މި ދޯނިން ދަތުރުކޮށްފައިވަނީ ނުވަ މީހުންކަމާށާއި އޭގެ ތެރޭގައި ދެ ބިދޭސިއަކު ހިމެނެއެވެ.
އަދި މީގައި ތިބި މީހުންނަކީ އެކި ރަށްރަށުގެ މީހުންކަމުން އެމީހުން މުލަކު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ.
އިތުރަށް ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެދޯނި އަޑިއަށްދިއުމަށް މެދުވެރި ސަބަބެއްކަމަށް ބެލެވެނީ ކަނޑުގަދަވެ ދޯނި ދިޔަވުމުގެ ސަބަބުންކަމަށެވެ.



އެމްޑީޕީގެ ކެމްޕޭނަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުޙީބަށްޓަކާ އުފާކުރަން: ޕްރޮފެސަރ ޝަހީދު 26ޖެނުއަރީ، 2011

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރަމުންގެންދާ ކެމްޕޭނަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށްޓަކާ އުފާކުރައްވާ ކަމަށް ކެމްޕޭނުގެ ސްޕޯކްސް ޕަރސަންގެ ހައިސިއްޔަތުން ޕްރޮފެސަރ އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ޕްރޮފެސަރ ޝަހީދު ވިދާޅުވީ ކެމްޕޭނަށް ރައްޔިތުންގެ ތާއީދު ދަނީ އިތުރުވަމުން ކަމަށާއި އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަން މިހާރު ލިބިވަޑައިގެންފިކަމަށެވެ.
ޝެރިން ޕާޓީން ވަކިކުރި މައްސަލައިގައި ޕްރޮފެސަރ ޝަހީދު ވިދާޅުވީ ޕާޓީން ފިޔަވަޅު އަޅާނީ ހަމަ އެކަނި ޝެރިން އާއިމެދު އެކަނި ނޫން ކަމަށެވެ. ޕާޓީ ލައިނުން ބޭރުން ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނާމެދުވެސް އެމްޑީޕީން ފިޔަވަޅު އަޅާނެ ކަމަށާއި ނަމަވެސް ފިޔަވަޅު އަޅާނީ އެމީހަކު އަމަލުކޮށްފައިވާ ގޮތަށް ބަލައިގެން ކަމަށެވެ.
ޕްރޮފެސަރ ޝަހީދު ވިދާޅުވީ އެމްޑީޕީ އަކީ ކޮންމެ ކަމެއްގާ ވެސް ޕާޓީގެ ޤަވާއިދާ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އަމަލުކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީގެ ފަރާތުން މިހާތަނަށް ވެސް އަމަލުކުރަމުން އަންނަ އުޞޫލަކީ ކޮންމެ އިންތިޚާބެއްގައި ވެސް ޕްރިމަރީ ބާއްވައިގެން ޕާޓީގެ ކެންޑިޑޭޓުން ހޮވުން ކަމަށެވެ. އަދި ޑިމޮކްރެޓިކް އުޞޫލަކީވެސް އެއީ ކަމަށެވެ.
2008 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ޕްރައިމަރީ ބޭއްވި ދުވަސްވަރު، އެފަދަ އިންތިޚާބެއް ނުބޭއްވުމަށާ ބާއްވާފައިނިމަ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނިކޮށް ވެސް އެފަދަ ޕްރައިމަރީ އެއް ބޭއްވި ކަން އެއީ އިންތިޚާބު ކާމިޔާބުވުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ފާހަގަކުރެއްވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ޝަހީބު، އެމްއެންބީސީ ވަން އާއި ގުޅިގެން ބާއްވަން އުޅުނު ކެންޑިޑޭޓުންގެ ބަހުސް އިން އެމްޑީޕީ ވަކިވީ ވަކި އުޞޫލަކުން ކަންކަން ކުރަން ރޭވިފައި އޮއްވާ އެންމެފަހުވަގުތު ވަކި ބައެއްގެ ނުފޫޒުގައި ބަހުސް ބާއްވާ ތަން ބަދަލުކުރުން ފަދަ ކަންކަން މެދުވެރިވުމުން އިންޞާފުވެރިކަމާއެކު ބަހުސް ކުރިއަށް ގެންދެވޭނެކަމުގެ އިތުބާރު ގެއްލުމުން ކަމަށެވެ.

No comments:

Post a Comment

Dhiyamigili

Dhiyamigili
Kolhumadulu Atoll, letter code Thaa is an is an administrative division of the Maldives. It corresponds to the natural atoll of the same name. The ancient name of the island was Kolhumaduva during the time of King Koimala who united all atolls of the Maldives under one Kingdom for the first time.
Dhiyamingili (Dhivehi: ދިޔަމިގިލި) is one of the inhabited islands of Thaa Atoll. Dhiyaminili's main economic projects are in carpentry, rope making, collecting shells, masonry and fishing.

Dhiyamingili

Island Summary
Belongs to Thaa Atoll
Location
Area
Population
Female
Male
791
405
386
Length 475m
Width 310m
Distance from Malé 205.38km
Administrative Information
2 Island Chief
1 Council