Thursday, January 27, 2011

ރާއްޖޭގެ ކުޅިވަރު ޚަބަރު




ވިކްޓްރީއަށް ގެންނަނީ އައިވަރީ ކޯސްޓް، ގާނާ، ލަންކާ ކުޅުންތެރިން ކަމަށް ބުނެފި 27 ޖެނުއަރީ، 2011

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ނުކުންނައިރު ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ބިދޭސީ 3 ކުޅުންތެރިން ގެންނަން ނިންމާފައިވާ ކަމަށް ދާދިފަހުން ބުނެފައިވާ ވިކްޓްރީން ގެންނަން ނިންމާފައިވާ ތިންކުޅުންތެރިންނަކީ ކޮންގައުމެއްގެ ތިންކުޅުންތެރިންކަން އެކުލަބުން ކަށަވަރު ކޮށްދީފިއެވެ.
ވިކްޓްރީގެ މެނޭޖަރު އަޙްމަދު އަޔާޒް ބުނީ ބިދޭސީ ތިންކުޅުންތެރިން ގެންނަން ނިންމާފައިވަނީ ތިން ގައުމަކުން ކަމަށެވެ. އެއީ އައިވަރީ ކޯސްޓް އާއި ގާނާ އަދި އަވައްޓެރި ސްރީލަންކާއިންނެވެ. މިތިންގައުމުންވެސް ވިކްޓްރީއަށް ގެންނަނީ ފޯވަޑުންނެވެ. މިހާރު ވިކްޓްރީން ވަނީ އެތިންމީހުންނާ ވާހަކަ ދައްކައި އެއްބަސްވުމަކަށްވެސް އައިސްފައެވެ.
އެމީހުންގެ މައުލޫމާތުވެސް މެނޭޖްމެންޓުން މިހާރު ވަނީ ނަގާފައި. އެއީ ތިންފޯވަޑުން. ކޯޗު ބޭނުންވޭ ތިންމީހުން. މެނޭޖްމެންޓުން މިދަނީ އެކަން ކުރަމުން” އަޔާޒް ބުންޏެވެ.
އަޔާޒް ބުނެފައި ވަނީ ބިދޭސީ ކުޅުންތެރިން ގެންނަނީ ބޮޑަށް އޭއެފްސީ ކަޕަށް އަމާޒު ކޮށްފައި ކަމަށާއި ނަމަވެސް ރާއްޖޭގެ މުބާރާތްތަކަށްދޭ ސަމާލުކަންވެސް ކުޑަ ނޫން ކަމަށެވެ.
އޭއެފްސީކަޕްގެ ރަނގަޅު ހިސާބަކަށް މިފަހަރު ދިޔުމާއި އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދަން ކުލަބު ވަރަށް ބޭނުންވޭ. އެހެންވީމަ އޭއެފްސީކަޕްގައި ވިކްޓްރީ ނުކުތުމުގެ ކުރިން 3 ކުޅުންތެރިންވެސް ކުލަބާ ހަމައަށް ގެނެސް ޓީމަށް ހާނާލުން ބޭނުންވަނީ. އޭއެފްސީ ކަޕްގެ ކުރިން އަންނާނެ ކުޅުންތެރިން” އަޔާޒް ބުންޏެވެ.
ބިދޭސީ ތިންކުޅުންތެރިން ގެނައުމަށް ވިކްޓްރީ ނިންމިއިރު މިދިޔަ އަހަރު ކުލަބުގައި ތިބި ވަރަށްގިނަ ކުޅުންތެރިންވެސް މިއަހަރު އެޓީމުން ފެންނާނެ ކަމުގެ އުންމީދު އެކުލަބުން ވަނީ ހޯދާފައެވެ. އަދި އާކުޅުންތެރިންކޮޅެއް ހޯދާފައިވެސް ވެއެވެ. ވިކްޓްރީއަށް މިދިޔަ އަހަރު ކުޅުނު މަޝްހޫރު ކުޅުންތެރިންގެ ތެރެއިން މިވަގުތު ކުލަބުން ވާހަކަ ދައްކަމުން އަންނަ ކުޅުންތެރިންގެ ތެރެއިން ސޮއި ނުކޮށްތިބީ އެންމެ ތިންކުޅުންތެރިންނެވެ. އެއީ ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ޑިފެންޑަރ ސޮބާޙް މުޙައްމަދުގެ އިތުރުން ޑިފެންޑަރ މުޙައްމަދު ޖަމީލް ކަމަށެވެ. ނަމަވެސް މިތިންކުޅުންތެރިންގެ ސޮއި ވަރަށް އަވަހަށް ހޯދޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެކުލަބުން ވަނީ ބުނެފައެވެ.



މާޒިޔާއިން ބިދޭސީ ކުޅުންތެރިން ހޯދަނީ 27 ޖެނުއަރީ، 2011

މިއަހަރުގެ ސީޒަނަށް އެންމެ ޙައިރާން ވާގޮތަށް ބޮޑު އަގުގައި ދިވެހި ކުޅުންތެރިން ހޯދަމުން އަންނަ މާޒިޔާއިން ބިދޭސީ ކުޅުންތެރިން ގެންނަންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުލަބުން ބުނެފިއެވެ. މާޒިޔާގެ އޮފިޝަލަކު ބުނީ އެޓީމަށް ބިދޭސީ ރަނގަޅު ދެތިން ކުޅުންތެރިން ހޯދަމުން އަންނަ ކަމަށެވެ.
ބިދޭސީ ކުޅުންތެރިން ހޯދަމުން އަންނައިރު މާޒިޔާގެ ސްކޮޑް މިހާރު ވަނީ ރާއްޖޭގެ ނިސްބަތުން މޮޅު، މަޝްހޫރު ކުޅުންތެރިންނާއެކު ވަރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ވީބީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓުން ފެނުނު ވަރަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ވަނީ މާޒިޔާއަށް ބަދަލުވެފައެވެ.
އޭގެތެރޭގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން މިދިޔަ އަހަރު ކުރި ވީބީގެ ޑިފެންޑަރ މުޙައްމަދު އުމައިރު، 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުން އައި ވީބީގެ ޑިފެންޑަރ އަކްރަމް އަބްދުލްޣަނީ، ނިއުރޭޑިއަންޓްގެ ކެޕްޓަން ބޭންޑް އަޅައިގެން މިދިޔަ އަހަރު ކުޅެމުން އައި އަޙްމަދު މުޙައްމަދު (އަންމަޑޭ) ވެސް މިހާރު ވަނީ ބޮޑު އަގުގައި މާޒިޔާއަށް ބަދަލުވެފައެވެ.
މިއީ މިހާ ބޮޑު އަގުގައި ކުޅުންތެރިން ހޯދައިގެން މާޒިޔާ ފުޓްބޯޅަ ސީޒަނަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އެޓީމުން މިއަހަރު ނުކުންނަނީ ސީޒަނުގެ ތައްޓެއް ހޯދުމަށް އަޒުމް ކަނޑައަޅައިގެންނެވެ.



މިއަހަރުގެ ވޮލީ ސީޒަން ހުޅުވުން މާޗް 5 ވަނަ ދުވަހު 27 ޖެނުއަރީ، 2011

މިއަހަރުގެ ވޮލީ ސީޒަން ހުޅުވުން މާޗް 5 ވަނަ ދުވަހަށް ވޮލީބޯލް އެސޯސިއޭޝަނުން ހަމަޖައްސައިފިއެވެ. ވޮލީ އެސޯސިއޭޝަނުން މިއަހަރުގެ ކުޅިވަރު ކަލަންޑަރު އިއްޔެ ރަސްމީކޮށް އިއުލާންކުރިއިރު މިއަހަރުގެ ސީޒަން މާޗް 5 ވަނަ ދުވަހު ހުޅުވަނީ 3 ވަނަ ވީއޭއެމް ޕްރެޒިޑެންޓް ކަޕުންނެވެ. މިއީ 2010 ވަނަ އަހަރުގެ މުބާރާތެވެ. މިމުބާރާތް ކުރިޔަށްދާނީ މާޗް 5 ން 15 އަށެވެ. މިއީ ހަމައެކަނި އަންހެން ކުޅުންތެރިންނަށް ޚާއްސަ މުބާރާތެކެވެ.
ޖުމްލަ 16 މުބާރާތެއް ކަލަންޑަރުގައި ވާއިރު މިއަހަރުގެ ވޮލީ ސީޒަން ނިމޭނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ގައެވެ. މިއަހަރު ގިނަމުބާރާތްތަކެއް ކަލަންޑަރުގައި ވާއިރު މުޅިން އަލަށް ބާއްވާ ދެމުބާރާތެއްވެސް މިފަހަރު ވަނީ ހިމަނާފައެވެ. އެއީ 1 ވަނަ އިންޓަރ ސްކޫލް ބީޗް ވޮލީ މުބާރާތާއި 1 ވަނަ އެޓޮލް ވޮލީ ލީގު ހިމެނެއެވެ. މިމުބާރާތް ކުރިޔަށްދާނީ އަތޮޅު ތަކުގައެވެ. މިއަހަރު އިންޓަރ ރިސޯޓް ބީޗް ވޮލީ މުބާރާތެއްވެސް ހިމަނާފައި ވެއެވެ.
މިއަހަރުވެސް ވޮލީ މުބާރާތްތައް ކުރިޔަށްދާނީ މާލެ އާއި އަތޮޅު ތަކުގެ އިތުރުން ރިސޯޓު ތަކުގައެވެ. މީގެތެރެއިން ބަޔެއް މުބާރާތްތައް ބާއްވާނެ ރަށްތައް ކަނޑައަޅާނީ އެމުބާރާތްތައް ބާއްވަން ކައިރިވުމުންނެވެ. އެގޮތުން ގައުމީ އަންހެން ވޮލީ މުބާރާތާއި އިންޓަރ ރިސޯޓް ބީޗް ވޮލީ މުބާރާތް ބާއްވާނެ ރަށެއް އަދި ވޮލީބޯލް އެސޯސިއޭޝަނުން ކަނޑައަޅާފައި ނުވެއެވެ. ނަމަވެސް މިފަހަރު ގައުމީ ވޮލީ އަންހެން މުބާރާތް އޮންނާނީ އުތުރުގައި ކަމަށްވެއެވެ.



ވީބީގެ ބްރެޒިލް ދެކުޅުންތެރިން އަތުވެއްޖެ 23 ޖެނުއަރީ، 2011

މިއަހަރު ވީބީއަށް އެހީތެރިވުމަށް ގެންނަން މަސައްކަތްކުރި ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު ގައުމު ކަމުގައިވާ ބްރެޒިލްގެ ދެކުޅުންތެރިން މާލެ އަތުވެއްޖެއެވެ.
މިދެކުޅުންތެރިން މާލެ މިއައީ ރިލީޒްގެ ކަންތައްވެސް ހަމަޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއަދު ހަވީރު އޮންނަ ޕްރެކްޓިހަށް ބްރެޒިލުން އައި މިދެކުޅުންތެރިންވެސް ނުކުންނާނެ ކަމަށް ވީބީން ވަނީ ބުނެފައެވެ.
ވީބީއަށް މިއައީ ދެޑިފެންޑަރުންނެވެ. މީގެތެރެއިން ޑަގްލަސްއަކީ މިސަރަޙައްދުގެ ފުޓްބޯޅައާ ވަރަށް ރައްޓެހި ކުޅުންތެރިޔެކެވެ. ޑަގްލަސް ވަނީ އަވައްޓެރި އިންޑިޔާގެ ލީގުގައި އެގައުމުގެ އެންމެ މަޝްހޫރު ދެކުލަބު ކަމުގައިވާ އީސްޓްބެންގޯލް އާއި މޯހަން ބަގާންއަށްވެސް ކުޅެފައެވެ.
ނަމަވެސް ޑަގްލަސްއާއެކު އައި ސެޒާރިއޯއަކީ މިސަރަހައްދުގެ ފުޓްބޯޅައަށް އަދި މުޅިން އާކުޅުންތެރިޔެކެވެ. ސެޒާރިއޯ މިސަރަހައްދަށް މިއައީ އަލަށް ނަމަވެސް އޭނާއަކީ ބްރެޒިލްގެ ތަފާތު ކުލަބު ތަކަށް މީގެކުރިން ކުޅެ ބްރެޒިލްގެ ފުޓްބޯޅައިގެ ހުނަރުތަކާ ވަރަށް ރައްޓެހި ކުޅުންތެރިޔެކެވެ.
ވީބީއަށް ބްރެޒިލްގެ ދެޑިފެންޑަރުން ގެނައިއިރު އެޓީމުގައި ދެން ހުންނާނެ ބިދޭސީ ކުޅުންތެރިޔަކީ މިދިޔަ ދެއަހަރުވެސް ވީބީގެ ޖާޒީ ލާފައިވާ ސިއަރަލިއޯނުގެ ފޯވަޑް އަބޫއެވެ. މިތިންކުޅުންތެރިންނާއެކު ވީބީ މިސީޒަނަށް ނުކުންނައިރު ދެން އެޓީމުން ފެންނާނެ ބިދޭސީ މޫނަކީ ތުރުކީއަށް އުފަން ކޯޗު ވަންލީއެވެ. ވަންލީ ވަނީ މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެގިނަ މުބާރާތްތައް ވީބީއަށް ހޯދައިދީފައެވެ.

ގައުމީ ބާސްކެޓް ލީގު ފަށައިފި 23 ޖެނުއަރީ، 2011

6 ވަނަ ދިރާގު ނޭޝަނަލް ބާސްކެޓް ލީގު ރޭ ފަށައިފިއެވެ. ރޭ 20:30 ގައި ފެށި ލީގު ހުޅުވައިދިނީ ރެޑްލައިން ކުލަބާއި ދިވެހި ސިފައިންއެވެ. މިދެޓީމު ނުކުންނައިރު މިފަހަރުގެ ލީގުގައި ބައިވެރި ވެފައި ވަނީވެސް ޖުމްލަ ހަތަރު ޓީމެވެ.
ދިވެހި ސިފައިންނާއި ރެޑްލައިންގެ އިތުރުން ދެން މިމުބާރާތުގައި ބައިވެރި ވެފައި ވަނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބާސްކެޓް ކުލަބާއި ހަރިކޭން ބާސްކެޓް ކުލަބެވެ.  އެހެންކަމުން 23 ވަނަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ޓީރެކްސް އާއި ހަރިކޭންއެވެ.
ލީގު ކުރިޔަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެމެޗު ކުޅޭ އުސޫލުންނެވެ. ލީގަށް ފަހު ދެން އޮންނާނީ 30 ވަނަ ގައުމީ ބާސްކެޓް މުބާރާތެވެ. އުސޫލެއްގެ ގޮތުން ގައުމީ މުބާރާތަށް ކޮލިފައިވާނީ ގައުމީ ލީގުގެ އެންމެމޮޅު ހަތަރު ޓީމެވެ. ނަމަވެސް މިފަހަރު ލީގުގައި ވާދަކުރަނީ އެންމެ ހަތަރު ޓީމު ކަމަށްވުމުން ގައުމީ މުބާރާތަށް ކޮލިފައިނުވެ މިއިން އެއްވެސް ޓީމެއް ކަޓާނެ ގޮތެއް ނެތެވެ. އެހެންކަމުން ގައުމީ މުބާރާތްވެސް ކުޅެންޖެހޭނީ މިހަތަރު ޓީމުގެ މެދުގައެވެ.
ގައުމީ ބާސްކެޓް މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރޭއެވެ. ގައުމީ މުބާރާތް ނިމޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭއެވެ.

"ދިރާގު ދިވެހި ލީގް ހަވީރު" ބާއްވައިފި 23 ޖެނުއަރީ، 2011  


ރާއްޖޭގައި ފުޓްބޯޅައިގެ ރޫހު ދިރުވައި އާލާކުރަން ދިރާގުން ކުރަމުން ގެންދާ މަސައްކަތް ތަކުގެ ތެރޭގައި ހިމަނައިގެން ދިރާގު ދިވެހި ލީގް ހަވީރުގެ ނަމުގައި މާލެ އަތޮޅު ހުރާގައި ހަވީރެއް ބާއްވައިފިއެވެ.
ދިރާގު ދިވެހި ލީގް ގެ ރޫހާއި ފޯރި އިތުރަށް ވަރުގަދަ ކުރުމަށާއި އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އިއްޔެ ހަވީރު މާލެ އަތޮޅު ހުރާގައި ބޭއްވި ދިރާގު ދިވެހި ލީގް ހަވީރު ގައި ދިރާގު ދިވެހި ލީގުގައި ހިމެނޭ ބޮޑެތި ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިންނާއި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ބައިވެރިވިއެވެ.
މިހަވީރުގައި ބައިވެރިވި މަޝްހޫރު ކުޅުންތެރިންނާ ކޯޗުން ހުރާ ސްކޫލްގެ ދަރިވަރުންނަށް ފުޓުބޯޅައިގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް  ގެންދިޔައެވެ. އަދި ޚާއްޞަ ފުޓްބޯޅަ މެޗެއްވެސް ކުޅެވުނެވެ. މިމެޗް ނިމުނީ އެއްވަރުވެގެންނެވެ.
މިރަސްމިއްޔާތުގައި ހުރާގެ ދެ ކްލަބަށާއި ސްކޫލަށް ދިރާގުން ވަނީ ޚާއްޞަ ހަދިޔާއެއްގެގޮތުން ޖޯޒީ ސެޓާއި އެހެން ބައެއް ތަކެތި ހަދިޔާ ކޮށްފައެވެ.
މިހަވީރުގައި ބައިވެރިވި ފުޓްބޯޅަ ކޯޗުންނާއި ކުޅުންތެރިން ބުނެފައިވަނީ މިފަދަ ހަރަކާތްތައް ހިންގުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ފައިދާ ކުރާނެ ކަމެއް ކަމަށާ ދިރާގުގެ މިއިސްނެގުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ދިރާގަކީ ރާއްޖޭގައި އެންމެ ފުރަތަމަ ދިވެހި ލީގް ސްޕޮންސަރކޮށް ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކުރަން ފެށި ފަރާތް ކަން ފާހަގަ ކުރައްވައި މައުމޫނު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އާއި ދިރާގާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އަދި ފުޓްބޯޅައިގެ ފޯރި ގަދަ ކުރުވުމަށް ދިރާގުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މިރަސްމިއްޔާތުގައި އެފްއޭއެމްގެ ޗެއަރމަން އަލީ އާޒިމް ވިދާޅުވީ ހުރާ އަކީ ވަރަށް މަޝްހޫރު ކުޅުންތެރިން ތަކެއް އުފެދުނު ރަށެއް ކަމަށެވެ. ނަމަވެސް އެކުޅުންތެރިންތަކަށްފަހު އެކަން ދަމަހައްޓާނެ ބަޔަކު އުފެދިފައި ނެތް ކަމަށާއި ދިރާގުން ހުރާގައި މިފެށި ހަރަކާތުގެ ސަބަބުން ހުރާގެ މަޝްހޫރުކަން ދަމަހައްޓާނެ ކުޅުންތެރިން ތަކެއް އުފެދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.



No comments:

Post a Comment

Dhiyamigili

Dhiyamigili
Kolhumadulu Atoll, letter code Thaa is an is an administrative division of the Maldives. It corresponds to the natural atoll of the same name. The ancient name of the island was Kolhumaduva during the time of King Koimala who united all atolls of the Maldives under one Kingdom for the first time.
Dhiyamingili (Dhivehi: ދިޔަމިގިލި) is one of the inhabited islands of Thaa Atoll. Dhiyaminili's main economic projects are in carpentry, rope making, collecting shells, masonry and fishing.

Dhiyamingili

Island Summary
Belongs to Thaa Atoll
Location
Area
Population
Female
Male
791
405
386
Length 475m
Width 310m
Distance from Malé 205.38km
Administrative Information
2 Island Chief
1 Council