އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކުރާ ކަންތައްތައް އިސްލާހު ނުކޮށްފި ނަމަ މުޒާހަރާއަށް ދާންޖެހިދާނެ- ރޮޒެއިނާ 02 ފެބްރުއަރީ، 2011
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ކުރާ ކަންތައްތަކުގައި ޑީއާރުޕީން ކަންބޮޑުވާ އެތައް ކަމެއް އެބަހުރި ކަމަށާއި، އެކަންތައްތައް އިސްލާހް ނުކޮށްފިނަމަ، މުޒާހަރާއަކަށް ދާންޖެހިދާނެ ކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފިއެވެ.
މިއަދު ނޫހަށް މައުލޫމާތުދެއްވަމުން ޑީއާރުޕީގެ ކައުންސިލް މެންބަރ، އަދި ތުލުސްދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ސަރުކާރުންކުރާ ކަންތައްތަކުގައި ޑިއާރުޕީން ކަންބޮޑުވާ އެތައް މައްސަލަތަކެއް އެބަހުރި ކަމަށާއި، އެކަންތައްތައް ސަރުކާރުން އިސްލާހް ނުކޮށްފިނަމަ، މުޒާހަރާއަކަށް ދާން ޖެހިދާނެކަމަށެވެ.
އަދި އިންތިޚާބުގެ އެންމެ ފަހު ދުވަހާއި ހަމަޔަށް އަންނަ އިރު އެކަންތައްތައް އިސްލާހު ނުކޮށްފި ނަމަ ޑީއާރުޕީން އެހެން ގޮތަކަށް އަމަލް ކުރަންޖެހިދާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ގަން ބަލަހައްޓާ ޔުނިޓުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ތެރެއިން 95 މީހަކު ވަޒީފާ އިން ވަކިކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ ރޮޒައިނާ ވިދާޅުވީ ސަރުކާރުން މިއަދު އަމަލުކުރަމުން އަންނަ ގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ސަރުކާރު ހިންގާޕާޓީއަށް ލިބިއްޖެ ނަމަ ރަށްރަށުގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުގެ ނަމުގައި އެ ތަންތަނުގައި ތިބި މުވައްޒަފުން ވަކިކޮށް، އެމްޑީޕީގެ މީހުންނަށް ވަޒީފާދެމުންދާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
އެ ގޮތުން ގަން ބަލަހައްޓާ ޔުނިޓްގެ މުވައްޒަފުންތަކެއް ވަކިކޮށް އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުންފުންޏަކާ ހަވާލުކޮށް، ބޭނުން ބަޔަކަށް ވަޒީފާ ދެމުންދާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
މީގެއިތުރުން ރޮޒެއިނާ ވިދާޅުވީ އިއްޔެރޭ އައްޑޫގައި އެކްސިޑެންޓެއްގައި އަނިޔާލިބުނު ދެމީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރު، އައްޑުގައި ހުރި ހޮސްޕިޓަލުން ފަރުވާ ދެވެންނެތިގެން އެމީހުން މާލެ ގެންނަންޖެހިފައިވާ ކަމަށެވެ. އެގޮތުން ސިއްހީގޮތުންވެސް އެކަށީގެންވާ ފެންވަރުގެ ޚިދުމަތެއް ލިބެންނެތް ތަނެއް، ސިޓީއަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރާއިރު، އެހެން އަތޮޅުތަކުންވެސް ކުރަމުންދާ ޝަކުވާއަކީ އެސަރަހައްދަކުންވެސް އެކަށިގެންވާ ޚިދުމަތްތައް ރައްޔިތުންނަށް ލިބެންނެތް ކަމުގެ ޝަކުވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ގަން ބަލަހައްޓާ ޔުނިޓުގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެފައި ވަނީ ގަން ބަލަހައްޓާ ޔުނިޓުގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ބަޔަކު ތުހުމަތު ކުރިނަމަވެސް، އެ މުއްޒަފުން ވަޒީފާ އިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
No comments:
Post a Comment