ޕާޓީއެއްގެ ޒައީމެއްގެ މަގާމުގައި ހުންނަ މީހަކީ ސިޔާސީ ނޫން މީހެއްކަމަށް ވާނެގޮތެއް އަޅުގަނޑަކަށް ނުވިސްނޭ- މައުމޫން 02 ފެބްރުއަރީ، 2011
ސިޔާސީ ޕާޓީއެއްގެ ޒައީމަކީ ނުވަތަ އެޕާޓީއެއްގެ އެންމެއިސް މަގާމުގައި ހުންނަ މީހަކީ ސިޔާސީ ނޫންމީހެއްކަމަކަށް ވާނެގޮތެއް ވިސްނިވަޑައި ނުގަންނަވާކަމަށް ޑީއާރުޕީގެ ޒައީމް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ޑީއާރުޕީގެ ޝަރަފްވެރި ޒައީމްގެ ލަގަބު އަރުވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްދުން މައްޗަށާއި، ހުވަދޫ އަތޮޅަށް ހުސްވި ހަފްތާގައި ކުރެއްވި ދަތުރުފުޅުގައި ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޒައީމަކީ ނުވަތަ އެޕާޓީއެއްގެ އެންމެ އިސްމަގާމުގައި ހުންނަ މީހަކީ ސިޔާސީ ނޫން މީހެއްކަމަށް ވާނެގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
އަދި އެމަނިކުފާނު ޖަލްސާއެއްގައި ބައިވެރިވެ ވަޑައިނުގެންނެވި ނަމަވެސް، ނުވަތަ އެހެން ކަންތައްތައް ތަކެއްގައި މަސްއޫލުވެގެން އުޅުއްވި ނަމަވެސް އެމަނިކުފާނަކީ ހަމަ ސިޔާސީ ޕާޓީއެއްގެ ޒައީމް ކަމަށާއި، އެގޮތުން ސިޔާސީ ޕާޓީއަކުން ނުވަތަ ޑީއާރުޕީން ދުވަހަކުވެސް ދުރައްވަޑައިގެންފައި ނުވާކަމަށް ޒައީމް މައުމޫން ވިދާޅުވިއެވެ.
” ސިޔާސީ ޕާޓީއެއްގެ ޒައީމަކީ ނުވަތަ އެޕާޓީއެއްގެ އެންމެއިސް މަގާމުގައި ހުންނަ މީހަކީ ސިޔާސީ ނޫންމީހެއްކަމަކަށް ވާނެގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމާ އަދި އަޅުގަނޑު ޖަލްސާތަކެއްގައި ބައިވެރި ނުވިޔަސް އަދި އެހެން ކަންތައްތަކެއްގަ މަސްއޫލުވެގެން އުޅުނަކަސް އަޅުގަނޑަކީ ހަމަ ސިޔާސީ ޕާޓީއެއްގެ ޒައީމް. އެހެންވީމާ ސިޔާސީ ޕާޓީއަކުން މިޕާޓީގެ ނަމުން ދުވަހަކުވެސް ދުރަކަށް ޖެހިފައެއް ނުވޭ.” މައުމޫން ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި އިންތިޚާބުކުރެވޭ ކައުންސިލް ތަކަކީ ގާނޫނީ ގޮތުން ބާރުތަކެއް ލިބިގެންދާ ކައުންސިލް ތަކަކަށްވާއިރު، އެފަދަ ޒިންމާދާރު މަގާމަކަށް އައްޔަންކުރެވޭ ބަޔަކީ ވެސް އެކަންކުރެވޭ ވަރުގެ ގާބިލްކަމެއް ހުރި ހަމަޔާއި އިންސާފުން ކަންކުރެވޭވަރުގެ ބަޔަކަށް ވާންޖެހޭނެކަމަށެވެ.
އަދި މިއަދު ގައުމުގައި ކަންތައްތައް ހިނގަމުންދާގޮތުން ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި އެއް މިންގަނޑަކުން ކަންކުރުމުގެ މަގު ތަނަވަސްކޮށްދެވޭނީ ޑީއާރުޕީގެ ކެންޑިޑޭޓުން ކައުންސިލް ތަކަށް އިންތިޚާބުވެގެން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ދިވެހިރާއްޖެއަށް އިތުރުކުރިއެރުމާއި، ތަރައްގީ ހޯދައިދޭންކަމަށާއި، ދިވެހިރައްޔިތުންނަށް އިތުރު ލާބައާއި މަންފާ ހޯދައިދޭންކަމަށާއި، އަދި ދިވެހިރައްޔިތުންނަށް އިތުރު ތަނަވަސްކަން ހޯދައިދީ، ރައްޔިތުންގެ ޖީބުތައް ބޮޑެތިކޮށްދޭން ކަމަށެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ އިސް ވެރިއަކު ވިދާޅުވީ ޑީއާރުޕީގެ ޒަޢީމްގެ މަޤާމަކީ އެ ޕާޓީގެ އެންމެ އިސް ވެރިއާ، ނުވަތަ ރައީސްގެ މަޤާމުގައި އޮތް އޮތުން ވަނީ ކޮންގްރެސް އިން ބަދަލުކޮށް، އެ މަޤާމަކީ ޕާޓީގެ ލީޑަރުގެ މަޤާމު ކަމަށް ހަމަޖައްސާފައި ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނަށް ޕާޓީގެ ޒައީމް ކަން ޕާޓީން މިހާރު އަރުވާފައިވަނީ ހަމައެކަނި އޮނަރަރީ ޝަރަފެއްގެ ގޮތުގައި ކަމަށެވެ.
” މައުމޫނަކީ ޑީއާރުޕީގެ ބާނީ. އަދި ޕާޓީގެ ފުރަތަމަ ރައީސް. ޒަޢީމް އެއީ ޑީއާރުޕީގެ ރައީސަށް ފުރަތަމަ ކިޔުނު ނަން. މައުމޫނު ޕާޓީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ޕާޓީން ވަޒަންކޮށް މަޤާމުން ވަކިވެވަޑައިގަތުމުން ވެސް ޒަޢީމް ކަމުގެ ޝަރަފު އެރުވީ. އެއީ ހަމައެކަނި ޝަރަފެއް. އެ ޝަރަފަކީ ސިޔާސީ މަޤާމެއްކަމަށް ވިސްނަވާނެ ކަމަކަށް ކުރިން ވިސްނިފައެއް ނެތް، ވިސްނިފައި އޮތީ އެ ޝަރަފު ބޭނުން ކުރައްވައިގެން ޚިދުމަތް ކުރައްވާނީ ޑީއާރުޕީއަށް ކަމަށް.” ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
No comments:
Post a Comment