މިޞުރުގައި ކިޔަވަން ތިބި ރާއްޖޭގެ 107 ދަރިވަރުން މާދަމާގެ ނިޔަލަށް ރާއްޖެ ގެނެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަފު ނަސީމް ވިދާޅުވެއްޖެއެވެ.
މިކަމަށްޓަކައި ވަރަށް ގިނަ އެއަރލައިން ތަކާ ސަރުކަރުން މަޝްވަރާ ކުރަމުން ގެންދާ ކަމަށާއި ސައުދީ އަރަބިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް އޮފިޝަލަކު މިކަމަށްޓަކައި މިޞްރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފައެވެ.
ނަސީމް ވިދާޅުވީ މިޞުރުގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ތަންތަން ހަލާކުކުރަމުންގެންދާ މީހުން އޭޓީއެމް މެޝިންތައް ހަލާކުކޮށްލާފައިވާތީ އެކުދިންނަށް ފައިސާ ލިބޭނެ ގޮތެއްވެސް މިހާރު ނެތް ކަމަށެވެ.
މިޞުރުގެ ރައީސް ޙުސްނީ މުބާރަކު ވެރިކަމުން އިސްތިއުފާ ދެއްވުމުން ނޫނީ ހުއްޓާނުލާނެކަމަށް ބުނެ މިޞުރުގައި ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ ޢާއްމު ހާލަތު ނުރައްކާތެރިވުމުން އިނގިރޭސި ވިލާތާއި އަދިވެސް އެތައް ޤައުމަކުން ގެންދަނީ މިޞްރުގައި ތިބި އެ ޤައުމުތަކުގެ ރައްޔިތުން ބޭރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ހުސްނީ މުބާރަކު މަނާކޮށްފައިވާ މުސްލިމް ބްރަދަރހުޑް ޕާޓީން އިއްޔެ ފެށި ” މާރޗް އޮފް މިލިއަންސް” ގައި ރޭ 12 ޖެހުމާއަށް ދެ މިލިއަނެއްހާ މީހުން ވަނީ ބައިވެރިވެފައިކަމަށް އަލްޖަޒީރާ އިން ވަނީ ބުނެފައެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުންގެންދަނީ ހުސްނީ މުބާރަކް ގެ 30 އަހަރުވީ ވެރިކަމަކީ އަނިޔާވެރިކަމާ މަކަރާ ހީލަތާ ކޮރަޕްޝަނުން ފުރިފައިވާ ވެރިކަމެއް ކަމަށާއި އޭނާ މިޞްރުގެ ވެރިކަމުން އިސްތިއުފާ ދެއްވަންދެން މުޒާހަރާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
No comments:
Post a Comment